އަރާ އިރު
މާލެ ސަރަހައްދަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް

އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ބުނި ގޮތުގައި، މިއަދު މާލެ ސަރަހައްދަށް އުދަ އަރައި ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެންމެ ބޮޑަށް ރާޅު އެރި ސަރަހައްދަކީ އިންޑަސްޓްރިއަލް ވިލެޖެވެ. ގަލާއި ވެލިއާ އެކު ލޮނުގަނޑު އަރައި، ސައިކަލްތައް ވެއްޓި ލޮނުގަނޑުގެ ތެރެއަށް ދިއުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.
ކާނިވާ ސަރަހައްދަށް ވެސް ބޮޑަށް ރާޅު އަރައި، ޕާކްކޮށްފައި ހުރި ސައިކަލްތަކާއި ކާރުތައް ލޮނުގަނޑަށް ދިޔަ އެވެ. ކަނޑު ތޮށްޓާ ޖެހިގެން ހުރި ކެފޭތަކުގެ ތެރެއަށް ވެސް ރާޅު ވަދެ ނުރައްކާތެރި ހާލަތަކަށް ދިޔަ އެވެ.
އަލަށް ހެދި ބޮޑުތަކުރުފާނު މަގުގެ ބައެއް ދިމަދިމާލުން ވެސް ރާޅު އަރައި ގަލާއި ވެލި މަގުމައްޗަށް ފެތުރިފައި ވެ އެވެ.
މިއަދު އުދަ އަރާފައި ވަނީ ދިޔަވަރު އެންމެ ބޮޑުވި ވަގުތު، މެންދުރު 11:53 ގައި 0.74 މީޓަރަށެވެ. މާދަމާ 12:28 ގައި 0.79 މީޓަރަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ރާޅުގެ އުސްމިން 2-4 ފޫޓަށް ހުންނާނެ އެވެ. ވައި ޖެހޭނީ ހުޅަނގު އުތުރުން ގަޑިއަކު 5-15 މޭލު ބާރުމިނުގައި، ވިލާގަނޑުގައި 35 މޭލަށް ގަދަވުން އެކަށީގެންވެ އެވެ.



